އާދިއްތަ, October 18
ކުރިމަގުގައި ދަރަނި ދެއްކުމުގައި ނުއުފުލޭ ވަރުގެ ބުރައެއް ނެތް: މިނިސްޓަރު ޒަރީރު

ކުރިއަށް ހުރި ދަރަނިތައް ދެއްކުމުގައި ނުއުފުލޭ ވަރުގެ ބުރައެއް ނެތް ކަމަށާއި، މިހާރު ރާއްޖެއަށް ލިބޭ އާމްދަނީން އެ ދަރަނިތައް ދެއްކޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ "އަހާ" ފޯރަމުގެ 10 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފޯރަމުގައި މެސެޖު މެދުވެރިކޮށް އާންމު މީހަކު ވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ބޭރުގެ ޤައުމުތަކަށް ދަރަނި ދައްކަން ހުރިކަން ފާހަގަކޮށް، އެ ދަރަނިތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީގެ ޕްލޭނަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ދަރަނިތައް ދައްކަނީ ކުރިއާލާ ތައްޔާރުވެގެން ކަމަށާއި، ދަރަނި ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށެވެ. ގިނަ ދަރަނިތަކަކީ ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނިތަކެއް ކަމުން، ގާނޫނުތަކަށް ގެނެވޭ ބަދަލުތަކުން ބޭރު ފައިސާ އިތުރަށް ލިބޭނެ މަގު ފަހިކުރަމުން އަންނަ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި މިހާތަނަށް ދަރަނީގެ ގޮތުގައި 1.412 ބިލިއަން ޑޮލަރު ދައްކާފައިވެއެވެ. މި އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން 350 މިލިއަން ޑޮލަރާއި، ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރު ނިމުމަށް ފަހު ރާއްޖެއިން ބޮޑެތި ދަރަނިތަކެއް ދައްކަން ނެތް ކަމަށާއި، ކުރިއަށް އޮތް ދަރަނިތައް ރާއްޖެއަށް ލިބޭ އާމްދަނީން ދެއްކޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. "އެ ދަރަނިތައް ދެއްކުމުގައި މި އަހަރު ދިމާވި ގޮންޖެހުންތައް، އެ ލެވެލްއަކަށް ދިމައެއް ނުވާނެ. މިހާރު ގެނެވިފައި ހުރި ރެވެނިއު މެޝާސްތަކާއި ހަރަދު ކުޑަކުރުމުގެ މެޝާސްތައް އަޅުގަނޑުމެން އެބަ ގެންދަން،" ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ބަޖެޓު ސަޕްލިމެންޓް ނުކޮށް، ޖީޑީޕީގެ ނިސްބަތުން ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ސިންގަލް ޑިޖިޓުގައި ހިފެހެއްޓުން ކަމަށް ޒަރީރު ވިދާޅުވިއެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަބްސިޑީއަށް ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށް، މި އަހަރު މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 4.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަރަނި އަދާކުރަމުންދާ މަސައްކަތްތަކާއެކު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ވަނީ ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް މަތިކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 2.8 ބިލިއަން ޑޮލަރުގައި (ޖީޑީޕީގެ 35 އިންސައްތަ) ހުރި ބޭރުގެ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އައިއިރު 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު