ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހަކު ޝަރުޠުތަކާއެކު ދޫކޮށްލުމަށް ދަށު ކޯޓަކުން ނެރުނު އަމުރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރި އިސްތިއުނާފަށް ބަލައި ހައިކޯޓުން މިއަދު ބާޠިލުކޮށްފިއެވެ.
މި މައްސަލައަކީ އުމުރުން 13 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލި ކަމުގެ ތުހުމަތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ އުފުލާފައިވާ މައްސަލައެކެވެ. ތުހުމަތުވާ މީހާ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 14 ގައި ކަމަށްވާއިރު، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ އެ އަހަރުގެ އެޕްރީލް 14 ގައެވެ.
ނަމަވެސް ބަންދު މުރާޖަޢާކޮށްދިނުމަށް އޭނާ އެދުމުން، ދަށު ކޯޓުން ވަނީ ޝަރުޠުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ. އެ ނިންމުމަށް ދަށު ކޯޓުން ބަލާފައިވަނީ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމާއި، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން ކުށް ތަކުރާރުކުރާނެ ކަމަށް ނުބެލެވުމާއި، ގިނަ ދުވަހު ބަންދުގައި ހުރުމުން ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހެކިބަސް ނަގައި ނިމުމަކުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނެތިގެން ނުދާނެ ކަމަށެވެ. ތުހުމަތުވާ މީހާ ދިރިއުޅެނީ އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ކަމުން، އެފަދަ ފުރުޞަތު ބޮޑުކަން ވެސް ކޯޓުން ފާހަގަކުރިއެވެ.
އަދި ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާ ފުރަތަމަ ބަންދުކުރިއިރު ވެސް އޮތް ހާލަތަކަށްވާތީ، އެއީ ފަހުން ބަދަލުވި ހާލަތެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާ ހަވާލާދީ ހައިކޯޓުން ބަޔާންކުރީ، މައްސަލަ ލަސްވެގެން ބަންދުގައި ދިގު މުއްދަތެއް ހޭދަވުމަކީ ޚާއްޞަ ޤާނޫނުގެ ދަށުން ބަންދުން ދޫކޮށްލަންޖެހޭ ޤާނޫނީ ސަބަބެއް ނޫން ކަމަށެވެ. އެފަދަ ހާލަތްތަކުގައި ޙައްލަކީ މައްސަލަ އަވަހަށް ތާވަލުކޮށް ނިންމުން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް މީހަކު ދޫކޮށްލާއިރު، މުޖުތަމަޢުގެ ކުޑަކުދިން ރައްކާތެރިކުރެވޭނެ ހަރުދަނާ ޝަރުޠުތަކެއް ދަށު ކޯޓުގެ އަމުރުގައި ހިމަނާފައި ނުވާކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ.
ފަނޑިޔާރު ޙުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގެ ޙުކުމް ކުރެއްވީ، އެ ފަނޑިޔާރާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާޤުންނެވެ. ތުހުމަތުވާ މީހާ އަލުން ބަންދުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން ދަށު ކޯޓަށް އަމުރުކޮށްފައިވެއެވެ.






