އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، އިމާރާތުގެ ރޫފިންގ ބީމް ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ބީމް ކިއުރިންގގެ މަސައްކަތްތައެވެ. މި މަސައްކަތް ނިމުމާއެކު ދެން ފެށިގެންދާނީ ފުރާޅު އެޅުމުގެ ޢަމަލީ މަސައްކަތްތަކެވެ.
ފެރިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
މި މަޝްރޫއަކީ ފެރިދޫގެ ސިއްޙީ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫއެކެވެ. މަޝްރޫއު ނިމުމުން ފެރިދޫގެ ސިއްޙީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ހިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.






