އާދިއްތަ, October 18
ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކިންގ ޚިދުމަތް އެސްއެމްއީ ޑިޖިޓަލްއިން މެދުކަނޑާލަނީ

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ޚިދުމަތްތައް، 1 ނޮވެމްބަރ 2026 އިން ފެށިގެން މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ، މި ފިޔަވަޅު އަޅަނީ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއަޅައި، ކަސްޓަމަރުންގެ އެކައުންޓުތައް ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން، އެއްވެސް ދަތިކަމެއް ނެތި ބޭންކިންގ ޚިދުމަތްތައް މެދުނުކެނޑި ލިބިގަތުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފައިސާ ދައްކައި ނިންމުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކެނޑޭ ފަރާތްތަކުން، އެ މަހަކަށް ދައްކަންޖެހޭ އަދަދު ދައްކައި ޚަލާސްކުރުމުން 24 ގަޑިއިރުގެ ތެރޭގައި އަލުން ޚިދުމަތް އިއާދަކޮށްދެވޭނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

އަދި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ (އޯވަޑިއު) ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށާއި، ޚިދުމަތް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން މެސެޖު ފޮނުވަމުން ގެންދާނެ ކަމަށްވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އެސްއެމްއީ ޑިޖިޓަލްގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވުމަށް އެ ބޭންކުން އެދިފައިވެއެވެ.

އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެކި ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެސްއެމްއީ ޑިޖިޓަލްއަކީ، ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުން ބާރުވެރިކުރުވުމަށް އިސްކަންދީގެން ފެސިލިޓީތައް ފަހިކޮށްދެމުން އަންނަ ބޭންކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު