ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި ތަޖުރިބާ ހޯދުމަށްޓަކައި، މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މުޙައްމަދު މާހިރު އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ޞިއްޙީ ވަފުދެއް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް ޒިޔާރަތްކޮށްފިއެވެ.
މި ވަފުދުގައި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ)، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް (އެމް.އެން.އެމް.ސީ)، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)، ހުޅުމާލެ ހޮސްޕިޓަލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) ތަމްސީލުކުރައްވާ އިސް ފަރާތްތައް ހިމެނެއެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޒިޔާރަތުގައި، ސިޗުއާންގެ މަޝްހޫރު ބޮޑެތި ހޮސްޕިޓަލްތަކަށާއި، މެޑިކަލް ސްކޫލްތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސަރަޙައްދުގެ ކަމާބެހޭ މުހިންމު އިދާރާތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްގެންދާނަން ވެސް ހަމަޖެހިފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިއީ ސިޗުއާންގެ ކަމާބެހޭ އިދާރާތަކާއި ޞިއްޙީ މަރުކަޒުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ވަފުދަށް ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށެވެ.
އަދި ޚާއްސަކޮށް، ޞިއްޙީ ޚިދުމަތް ދިނުމާއި، ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޭހާއި މެޑިކަލް ސާމާނު އުފެއްދުމުގައި ޗައިނާގެ ތަޖުރިބާތަކާއި އުސޫލުތައް ދެނެގަތުމަށް މި ދަތުރުގެ ސަބަބުން މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ހޯދައި، ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރެއްވުމަށް ވެސް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.






