އާދިއްތަ, October 18
ބެޓިސް ބަލިކޮށް ބާސެލޯނާއިން ލީގުގެ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު 5-2 އިން ކާމިޔާބުކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނު ނުވަ މެޗުން ވެސް ބާސެލޯނާ މޮޅުވެފައިވާއިރު، އެ ޓީމު އެއްވަނައިގައި އޮތީ 27 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި 22 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު، ބެޓިސް އޮތީ 19 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ރެއާލް މެޑްރިޑަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

މެޗުގެ 10 ވަނަ މިނިޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ލަމީން ޔަމާލެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. ނަމަވެސް 27 ވަނަ މިނިޓުގައި ވެލެންޓިން ގޯމޭޒް ވަނީ ލަނޑެއް ޖަހައި ބެޓިސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ރޮޑްރީ ވަނީ ބާސެލޯނާއަށް އަލުން ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނިޓު ފަހުން ޖިއޮވާނޯ ލޮ ސެލްސޯ ޖެހި ބޯޅަ ގޯލަށް ވަން ނަމަވެސް، އޭގެ ކުރިން ގޫޗޯ ހެނާންޑޭޒްގެ އަތުގައި ބޯޅަ ޖެހިފައިވާތީ ވީއޭއާރް އިން ވަނީ އެ ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ.

ދެވަނަ ހާފު ފެށިގެން ގެބްރިއަލް ޖީސުސް ލަނޑު ޖަހައި ބާސެލޯނާގެ ލީޑު ފުޅާކުރި ނަމަވެސް، އޭގެ ދެ މިނިޓު ފަހުން އަބްދޭ އެޒަލްޒޯލީ ޖެހި ލަނޑާއެކު ބެޓިސްއިން ފަރަގު ކުޑަކުރިއެވެ. ނަމަވެސް ޔަމާލްއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ބެޓިސްގެ ފަކުންޑޯ ބާނާލްއަށް ސީދާ ރަތް ކާޑެއް ދެއްކުމުން، އެ ޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ ނަގައި، 62 ވަނަ މިނިޓުގައި އެރިކް ގާސިއާ އަދި މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ޑެނީ އޮލްމޯ ވަނީ ބާސެލޯނާއަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ދެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ ޕައު ކުބާސީއެވެ. މީގެއިތުރުން އަނިޔާއިން ރަނގަޅުވެ ފަހު ހާފުގައި ރަފީނިއާ ކުޅެން ނުކުތުމަކީ ބާސެލޯނާއަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު