އާދިއްތަ, October 18
ހަޅުތާލު ކުރަމުންދާ ސައީދުއާ މިނިސްޓަރު އިހުސާން ބައްދަލުކުރައްވައިފި

ތަކުރާރުކޮށް އާންމުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ މުހައްމަދު ސައީދުއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ބައްދަލުކުރައްވައިފިއެވެ.

ސައީދު ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި މިނިސްޓަރު އިހުސާން ވަޑައިގެން އޭނާއާ ބައްދަލުކުރައްވައި، މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"މިނިސްޓަރު ރޭ ދަންވަރު ވަޑައިގެން ބައްދަލުކުރެއްވި، އެކަން ވަރަށް ބޮޑަށް ބަލައިގަންނަން. އެކަމަކު އަޅުގަނޑު ބޭނުންވަނީ މި އުނދަގޫ ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން. އެ ޔަގީންކަމެއް އަދިވެސް ނުލިބޭ،" ސައީދު ބުންޏެވެ.

އުނދަގޫކުރާ މީހާގެ ސަބަބުން އޭނާގެ މުޅި އާއިލާގެ ދިރިއުޅުމަށް އުނދަގޫވެ، ނަފުސާނީ މައްސަލައަކަށް ވާ ހިސާބަށް ގޮސްފައިވާ ކަމަށާއި، އޭނާގެ ދަރިފުޅާވެސް މަގުމަތީގައި ފުރައްސާރަކޮށް ދުއްތުރާކުރާ ކަމަށްވެސް ސައީދު ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ، އުނދަގޫކުރާ މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. މި ކަމުގައި ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ގާނޫނާއި ގަވާއިދުގެ ތެރެއިން ހުރި ގޮންޖެހުންތަކެއްވެސް އެބަހުރި. އެކި ފަހަރު ފުލުހަށް ގެންގޮސްފަ އެބަހުރި. އެކި ފަހަރު ދޫކޮށްލާފަ ހުރީ އެކި ސަބަބުތަކާ ހެދި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މީހާ ގުރައިދޫއަށް ގެންދެވޭތޯ ކުރިން ބެލި ނަމަވެސް، އެއަށް ބޭނުންވާ ޝަރުތު ހަމަނުވީ، އޭނާއަކީ އެ ވަރުގެ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ސާބިތު ނުވާތީއެވެ. އަދި އޭނާއާ ދެކޮޅަށް ހެކިދޭނެ މީހަކު ނެތުމުން، ބައެއް މައްސަލަތަކުން އޭނާ ސަލާމަތްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދައުލަތުގައި މައްސަލަ ބަލާނެ ރަސްމީ ޗެނަލްތަކެއް އެބަހުރި. ޕީޖީއަކާއި ކޯޓުތައް އެބަހުރި. ފުލުހުންގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އެކަމަކު މައްސަލައަށް ހައްލެއް ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. މިއީ ހައްލުވާން ޖެހޭ ކަމެއްކަމަށް ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު އިއްޔެ ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހަޅުތާލު ފެށި ނަމަވެސް، ރޭގަނޑު 9:00 ގައި އެތަނުގައި އިތުރަށް ނުހުރެވޭނެ ކަމަށް ފުލުހުން އެންގުމާ ގުޅިގެން އޭނާ ހަޅުތާލު ކުރިއަށް ގެންގޮސްފައިވަނީ ބޭރުގައެވެ.

ސައީދު ހަޅުތާލަށް ނުކުމެފައިވަނީ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށާއި، އަވަށްޓެރިންނަށް އަދި ޚާއްޞަކޮށް ސައީދުގެ އާއިލާއަށް އެމީހާގެ ފަރާތުން ބޮޑެތި އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާތީއެވެ. އެ މީހާގެ ފަރާތުން ފެންނަ އުނދަގޫތަކުގެ ތެރޭގައި މަގުމަތިން ހިނގާ މީހުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުމާއި، ސައިކަލުތައް ވައްޓައި ބޯޑުތައް ދަމައި މަގު ބަންދުކުރުމާއި، ބެލްކަނީގައި ހުރެ މީހުންގެ ގަޔަށް ފެނާއި ތެޔޮ އެޅުމުގެ އިތުރުން، ދަންވަރު 12:00 އިން ފެށިގެން ފަތިސްވަންދެން އަޑުގަދަކުރުން ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިޙްސާން، ސައީދުއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު