ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު ދެގުނަކޮށް، 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ، ޕެންޝަން އޮފީހުން ހަނިމާދޫ ކައުންސިލާ ގުޅިގެން ހދ. ހަނިމާދޫގައި އިއްޔެ ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 17 އަހަރު ދުވަހު ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ ޖުމްލަ 30 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓްތަކުން ލިބިފައިވާ ފައިދާ ހިމެނެއެވެ.
ޔަޒްމީދު ވިދާޅުވި ގޮތުގައި، އޭނާގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަ ކުރުމެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ހޯދައި، ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެ ގޮތަށް ޕެންޝަން އޮފީހުގެ ހިންގުން ތަރުތީބުކޮށްފައިވާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތައް އަދިވެސް ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވައި، އެ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.
އަދި ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދައި ރިކަވަރކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
"3ޖެން ވޯކް" އަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭ ގޮތުން އާއިލާތައް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެކެވެ.






