ވައިގެ މަގުން ރާއްޖެއަށް 1.8 ކިލޯގެ ޑުރަގު އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
ކެނެބިސްގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އެތެރެކޮށް، މިދިޔަ އޮގަސްޓު މަސް ނިމެން އުޅެނިކޮށް ހައްޔަރުކުރި 39 އަހަރުގެ ޝަނަވާސް މަލަޔިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައި އިއްޔެ ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އަމިއްލަ އެއްޗެހި ކަމަށާއި އެއީ އެއްވެސް ފަރާތަކާ ހަވާލުކުރަން ގެނައި އެއްޗެއް ނޫން ކަމަށް އޭނާ އަދިވެސް ބުނަމުންދެއެވެ.
ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ ލަގެޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާއިރު، އެ ތަކެއްޗަށް 1.8 ކިލޯގެ ބަރުދަން ހުއްޓެވެ. އެތަކެތި ތަޙުލީލުކުރުމުން، އެއީ ޓެޓްރާހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) ކަމަށް ވަނީ ކަށަވަރުވެފައެވެ.
ޝަނަވާސްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، ކެނެބިސްއާއި މެތައެމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާއިރު، ފުލުހުން ވަނީ އޭގެ ރިޕޯޓާއި އޭނާގެ ފޯނުގެ އެކްސްޓްރެކްޝަން ރިޕޯޓްވެސް ކޯޓަށް ހުށަހަޅާފައެވެ.
ޝަނަވާސްގެ ބަންދު މީގެ ކުރިންވެސް ދެތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، އޭނާ އެއްބާރުލުން ނުދީގެން ކޮންޓްރޯލްޑް ޑެލިވަރީ ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުތަކުގައި ބުނެފައިވެއެވެ.






