Friday, October 16
ސ. މީދޫގައި ފަސް މިލިއަން ގަސް މަޝްރޫޢުގެ ނާސަރީ ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ، ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ޤާއިމުކުރާ ފުރަތަމަ ނާސަރީ މިއަދު ސ. މީދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ސ. މީދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ނާސަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙުމަދު ޝިޔާމެވެ.

މުޅި ރާއްޖޭގައި ޖުމްލަ 20 ނާސަރީ ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު، މީދޫގައި ހުޅުވުނު މި ނާސަރީއަކީ އޭގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ދޭން ފެށި ނާސަރީއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކޮށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ މަސައްކަތެކެވެ.

މި ނާސަރީ ހުޅުވިގެން ދިޔުމާއެކު، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިތުރަށް ހަލުވިވެ، އައްޑޫ ސަރަޙައްދަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ފަސޭހަކަމާއެކު އާލާކޮށް، ރައްޔިތުންނަށާއި މުއައްސަސާތަކަށް ހޯދުމުގެ ފުރުޞަތު ވަނީ ތަނަވަސްވެގެން ގޮސްފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ޤާއިމުކުރުމަށް ހަމަޖެހިފައިވާ މިފަދަ ނާސަރީތަކުގެ ސަބަބުން، ރަށްރަށުގެ ފެހިކަން ދެމެހެއްޓުމަށާއި، ގަސް އިންދުމުގެ ޘަޤާފަތް މުޖުތަމަޢުގައި އަށަގެންނެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާކީ ހުރި ނާސަރީތައް ވެސް ޤާއިމުކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު