ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކަށް ބަދަލުވާ ފުލުހުންނަކީ މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ޤާބިލު ލީޑަރޝިޕެއް އަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް ފުރިހަމައަށް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އިން ހިންގި ހަވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްލަ ނުވަ މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ފުރިހަމަކޮށް 35 އޮފިސަރަކު ވަނީ ދަސްވެނިވެފައެވެ. މިއީ ނަން-ކޮމިޝަންޑް ރޭންކުތަކުގައި ތިބި އޮފިސަރުން ކޮމިޝަންޑް އޮފިސަރުންގެ ގިންތިއަށް ބަދަލުވެ، މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ކޯހެކެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަޙްމަދު ނަދީމެވެ.
ސީޕީ ވިދާޅުވީ، މި ކޯހަކީ މުއައްސަސާގެ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ފުލުހުންގެ ތަމްރީނުތަކަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ބޭނުން ހިފަންވާނީ މުއައްސަސާގައި ދެމިތިބެ، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ވަޒީފާއަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ފެންވަރު ހިފަހައްޓައިގެން ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.






