Friday, October 16
މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގައިފި

މާލެއާއި ވިލިމާލޭގެ އިމުގެ ތެރޭގައި ހިމެނޭ، މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، ސަރުކާރަށް ނަގައިފިއެވެ.

މިކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ. ކޮންމެ ބިމެއްވެސް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކުގެ ތަފްޞީލު ސަރުކާރުގެ ގެޒެޓުގައިވެސް ވަނީ ޝާއިޢުކޮށްފައެވެ.

ސަރުކާރަށް ނެގި ބިންތަކާއި، އެ ތަންތަނުގައި ހިންގަން ނިންމާފައިވާ މަޝްރޫޢުތަކަކީ:

  • ސަލްޓަން ޕާކު - މިއުޒިއަމް ސަރަޙައްދު: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކު
  • މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއްގެ ގޮތުގައި
  • ލޯކަލް މާރުކޭޓު: މާރުކޭޓު ކޮމްޕްލެކްސް
  • ދަތުރުވެރިންގެ މާރުކޭޓު: މިކްސްޑް-ޔޫސް ކޮމާޝަލް ޑިވެލޮޕްމަންޓް
  • މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން: ލޭބަރ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީ
  • ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ހިންގި ބިން: ޑޭ-ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ޙަރަކާތްތައް ހިންގާ މަރުކަޒު
  • ކާނިވާ ސަރަޙައްދު (ކެފޭތަކާއި ޕާކިން އޭރިއާ ހިމެނޭ ގޮތަށް): ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުމަށް
  • އާޓިފިޝަލް ބީޗު: ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީ
  • މަސްވެރިންގެ މައިޒާން: އެމް.ޑަބްލިއު.އެސް.ސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި
  • ތައިސޭކޮށީގައިވާ ހުސް ބިންތައް: މަޝްރޫޢުތަކުގެ ވޯކް ސައިޓަކަށް ބޭނުންކުރުމަށް
  • ޕޭ ޓޮއިލެޓް 2: ޢާންމު ފާޚާނާއަކާއި އެކަމާ ގުޅޭ ފެސިލިޓީ
  • ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިން: އިލެކްޓްރިކް އުޅަނދުފަހަރު ޗާޖުކުރާ ފެސިލިޓީ
  • ބޮނޑިބަތް ޕާކު: ޕާކިން ޢިމާރާތް އަދި ވިޔަފާރި ބޭނުމަށް
  • ރަސްފަންނު: ހިންގުން ސަރުކާރުގެ ދަށަށް ބަދަލުކުރުން

މި ނިންމުމަކީ ހުސްކޮށް ހުރި ބިންތަކުން ރައްޔިތުންނަށް ފައިދާހުރި މަންފާއެއް ހޯދައިދިނުމަށާއި، މިހާރު ޤާއިމުކޮށްފައިވާ ޕާކުތައް ދެމެހެއްޓެނިވި އުޞޫލަކުން ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢުތަކާ ގުޅޭ ގޮތުން ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އިޢުލާނު ނެރުނު ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާއަށް ލިޔުމުން ހުށަހެޅުމަށްވެސް ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު