އއ. ފެރިދޫ އާއި ފ. މަގޫދޫގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބަޔަކާ ހަވާލުކޮށްފިއެވެ.
މި ދެ ރަށުގެ ފުޓުބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ވުޒާރާއިން ހަވާލުކޮށްފައި ވަނީ ބަދަހި އިންވެސްޓްމެންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނިޔާޒެވެ. އަދި ބަދަހި އިންވެސްޓްމެންޓް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިއުސް ފަރީދެވެ.
އެއްބަސްވުމުގެ ދަށުން ފެރިދޫ ފުޓުބޯޅަ ދަނޑު 120 ދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 6,740,300.37 ރުފިޔާއަށެވެ.
އަދި މަގޫދޫ ފުޓުބޯޅަ ދަނޑު 180 ދުވަހުގެ ތެރޭގައި ތަރައްޤީކޮށް ނިންމުމަށް ހަވާލުކޮށްފައި ވަނީ 8,799,246 ރުފިޔާއަށެވެ.
ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ސިޔާސަތެއް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.






