Thursday, October 15
އާރްޑީސީން ވަކިކުރި ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ނަޒީމް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

މި ބަދަލު ގެނެވިފައިވަނީ އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އާރްޑީސީގެ ހިންގުން ވަގުތީ ގޮތުން ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީއާ ހަވާލުކޮށްފައެވެ.

ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަށް މީގެ 6 އަހަރު ކުރިން އުފެއްދި އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އެންމެ ކުއާޓަރެއްގެ ތެރޭގައިވެސް އާރްޑީސީއަށް 113.73 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެއެވެ.

ނަޒީމަކީ ކުޅިވަރާއި ޒުވާނުންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން އޭނާ ވަނީ ފުރުއްވާފައެވެ. އަދި ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ކުޅިވަރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާ ނަޒީމަކީ މިހާރުވެސް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސެވެ. އޭނާއަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ ރެފްރީވެސް މެއެވެ. 1996 ވަނަ އަހަރު ބައިނަލްއަޤްވާމީ ބީޗް ވޮލީ ރެފްރީ ކޯސް ފުރިހަމަކުރެއްވުމަށް ފަހު، ވޯލްޑް ޓުއާގެ މެޗުތަކުގައިވެސް އޭނާ ވަނީ ރެފްރީކަން ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު