ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއިން ފެންވަރު ދައްކާލައިފިއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީއިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. ޕީއެސްޖީއަށް ގޯލް ހުޅުވާލަދިނީ 13 ވަނަ މިނެޓުގައި ޑިޒެއާ ޑޫއޭއެވެ. ދެން ޕީއެސްޖީއަށް ލަނޑުތައް ޖަހައިދިނީ އުސްމާން ޑެމްބެލޭ އަދި ވިޓީނިއާއެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް، 53 ވަނަ މިނެޓުގައި އެރްލިން ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ސިޓީން މެޗުގެ ތެރެއަށް އެނބުރި އަންނަން މަސައްކަތްކުރަމުންދަނިކޮށް، މަގްނެސް އަކްލިއޫޝް ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖެހިއެވެ. ސިޓީގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ހާލަންޑެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، ސިޓީގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށްފައެވެ.
މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ މިވަގުތު އޮތްއިރު، ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ސިޓީ އޮތީ ތާވަލުގެ 17 ވަނައިގައެވެ.






