ދަނޑުވެރިކަމާއި ގަސްގަހާގެހި ހެއްދުމުގެ މަސައްކަތުގައި ޞިއްޙީ ގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މެޑަމް ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު، މިއަދު ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައިވެސް ބޮޑު މަންފާއެއް ނެރެވޭނެ ގޮތަށް ކުރިއަށް ގެންދެވިދާނެ މަސައްކަތެއް ކަމަށެވެ. އަދި ލިބެން ހުރި ޖާގައަކަށް ބަލައި ގޭގޭގައި ދަނޑުވެރިކަމުގެ ހަރަކާތްތައް ހިންގައިގެން ފައިދާ ހޯދުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ގެއެއްގެ ގޯތިތެރޭގައި ވިޔަސް ދަނޑުވެރިކަމުގެ ކުޑަ މިންވަރެއްގެ މަސައްކަތެއް ކުރުމަކީ، ތިމާވެށީގެ ފެހިކަން އިތުރުވެ، ވައި ސާފުވުމުގެ އިތުރުން، ރަނގަޅު ކާނާ އަމިއްލައަށް ހޯދުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެއް ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންނާއި މި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ކޮންމެ ދިވެހި ރައްޔިތަކީވެސް ގަސް އިންދައި ހެއްދުމަށް ޝައުޤުވެރިވާ މީހަކަށް ވުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. އަދި ގަސްގަހާގެހި ހައްދާއިރު ޞިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
ދިވެހި ދަނޑުވެރިން ޤައުމަށްޓަކައި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފުރަތަމަ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމުގައިވާ އޮކްޓޫބަރު 16 އާ ގުޅުވައިލުމަށްޓަކައި ދުވަސް ބަދަލުކުރުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވުމާ އެއްގޮތަށް، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް އަންނަނީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.






