ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ "ރަސްމާލެ" މަޝްރޫޢުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ތަރައްގީގައި ބޭރުގެ އިންވެސްޓަރުންގެ ދައުރު ބޮޑުކަމަށާއި، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް އެ ޕާޓީން ތަރުހީބުދޭނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ، ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، އެ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި ޕާޓީން ދެކޭ ކަމަށެވެ.
ނަމަވެސް، އަބޫދާބީގެ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން، އެ ޕާޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެކަމުގައި ފައިނަލް ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ސީދާ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
އެމްޑީޕީން ބުނީ، މި މަޝްރޫޢާމެދު އީގަލް ހިލްސް ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ. ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދިއުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، މާލީ އިލްތިޒާމުތަކާއި، ދީފައިވާ މާލީ ލުއިތަކާއި، އެއްބަސްވުމުގެ މުއްދަތު ހިމެނޭހެން އެންމެހައި ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
އެމްޑީޕީން ބުނީ، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެން ނުވާނެ ކަމަށެވެ. އެކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުން ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށްވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.






