ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި މުޙައްމަދު އަފީފް ހުސައިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
އެ މަގާމަށް އައްޔަންކުރެއްވިކަން އަފީފް ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
އަފީފް ފެނަކައިގެ އެމްޑީކަމުން ވަކިކުރެއްވީ، ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ އުވާލައި، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ފެނަކަ އުވާލަން ނިންމިކަން ސަރުކާރުން ރަސްމީކޮށް އިޢުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ނަމަވެސް ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް އަދި މުޅިން ނިމިފައެއް ނުވެއެވެ.
ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަފީފަކީ ދައުލަތުގެ ތަފާތު މަގާމުތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ފެނަކައިގެ އެމްޑީކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަގާމުގައެވެ.
އަފީފަކީ މި ސަރުކާރުގެ ދައުރުގައި ފެނަކަ ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ފެނަކައިގައި 8،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާކަން އަފީފް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.






