Monday, November 2
އުމުރުން ދުވަސްވީ މީހުންނަށް އާއިލާގެ ފަރާތުން ލޯތްބާއި އަޅާލުން އަބަދުވެސް ދޭންޖެހޭ: ޑރ.ޢާއިޝަތު ޝިހާމް

އާއިލާތަކުގެ ތެރޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ސިއްތަށް ޚާއްސަ ސަމާލުކަމެއް ދީ، އެ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އާއިލާތަކުގެ ތެރެއިން އެ ފަރާތްތަކަށް ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން ވެސް އަބަދުވެސް ދޭންޖެހޭ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްވެވި ބަސްދީގަތުމެއްގައި ވިދާޅުވީ ދޮށީ އުމުރަކީ ކޮންމެ މީހަކާ ވެސް ބައްދަލުކުރާނެ ހަޔާތުގެ ފޯވައްސެއް ކަމަށެވެ. އަދި އެކަމަށް ތައްޔާރުވެ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު އުޅޭ ބަޔަކަށް ނުވަތަ އެފަދަ މުޖުތަމައަކަށް، މި މުޖުތަމައު ބައްޓަންކުރުމަށް ކުރަން ހުރި ކަންކަމުގެ ވާހަކަ ބައިނަލްއަގުވާނީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރާއިރު ހަނދާނަށް ކޮންމެހެން ގެނައުން މުހިންމު ކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވަމުންދާއިރު، ދުޅަހެޔޮކަންމަތީގައި ދެމި ތިބުމަށް، ކެއިން ބުއިމާއި، ކަސްރަތުކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދީގެން ކުރެވޭނެ އެކި ކަންކަން ގަވައިދުން ކުރުމަކީ ވަރަށް މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮ އުފާވެރި ބަޔަކަށް ހަދައި، އެމީހުންގެ އަގު ވަޒަންކުރުމާއި، އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދިނުމާއެކު، އުފާވެރި މާހައުލެއްގައި އެމީހުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އިސްރަށްވެހިންގެ ނާދީގެ ގޮތުގައި މަރުކަޒެއް ގާއިމުކޮށްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ތަސައްވުރާއި އެއްގޮތަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ނާދީތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އުންމީދަކީ އިސްރަށްވެހިންގެ ނާދީތަކުގެ ތެރެއިންނާއި، އެ ނޫން ވެސް އެކި ޕްރޮގްރާމުތަކުގެ ތެރެއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް، ރަނގަޅު ނަތީޖާތައް ފެނިގެން ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު