Thursday, October 15
އެސްއެސްސީގައި ޤުރުއާން ފާސް ނުވަތަ ފެއިލް ދޫކުރުމަށް އެމްޑީޕީން ގޮވާލައިފި

އަންނަ އަހަރުގެ އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، އެ މާއްދާގެ ނަތީޖާ ފާސް ނުވަތަ ފެއިލްގެ ގޮތަށް ދޫކުރުމަށް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ގޮވާލައިފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ.

ނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ، އެ މާއްދާ އެސެސްކުރުމަށްފަހު ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފާސްވި ނުވަތަ ފެއިލްވި ކަމުގެ ނަތީޖާއެއް ކަމަށެވެ. އެހެންކަމުން ދަރިވަރަށް ލިބެނީ ޤުރުއާނުން ފާސްވި ނުވަތަ ފެއިލްވި ކަމުގެ ސަނަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މުސްލިމް މުޖުތަމަޢެއްގައި، ކޮންމެ ތަނަކަށް ދިޔަޔަސް އެ ކުއްޖަކު ދާންޖެހެނީ ޤުރުއާނުން ފެއިލްވި ކަމުގެ ސެޓްފިކެޓަކާއެކު ކަމަށްވެސް ޔައުޤޫބު ފާހަގަކުރެއްވިއެވެ. މިއީ މުޖުތަމަޢުގެ ތެރޭގައި އެ ދަރިވަރާމެދު ދެކޭގޮތް ނޭދެވޭ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރުން ތަޢުލީމު ނިންމައި ވަޒީފާގެ ބާޒާރަށް ނުކުންނައިރު ހުށަހަޅާ ލިޔެކިޔުންތަކުގައި ޤުރުއާނުން ފެއިލްވެފައިވާކަން ބަޔާންވެފައި އޮތުމަކީ، އެ ކުދިންނާމެދު ތަފާތުކުރުންތަކެއް އުފެދި، އޭގެ ނޭދެވޭ އަސަރު މުޅި ޢުމުރަށް ދެމިގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ޤުރުއާން މާއްދާ އެސެސްކުރާ އުޞޫލު އަލުން މުރާޖަޢާކޮށް އިޞްލާޙުކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެސްއެސްސީ އިމްތިޙާނުގައި އަލަށް ޤުރުއާން މާއްދާ ހިމެނުމަށް ނިންމައިފައެވެ. ނަމަވެސް، އަންނަ އަހަރު މިކަން ކުރިއަށް ގެންދާނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މަދު ސްކޫލުތަކެއްގައެވެ. މި ނިންމުމަށް އެމްޑީޕީން ތާއީދުކުރި ނަމަވެސް، ދަރިވަރުން ވަޒަންކުރާ އެސެސްމެންޓުގެ ނިޒާމާމެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވޮއިސް ބުނާ ގޮތުގައި، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން މާއްދާ އަޖުމަބެލުމުގެ ގޮތުން ކުރިއަށްގެންދަނީ 10 ސްކޫލެއްގައެވެ. ކުރިއަށް އޮތް ތަނުގައި މި މާއްދާ ހުރިހާ ސްކޫލަކަށް ފުޅާކުރެވިގެންދާއިރު، އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއް (ޓޮޕް ޓެން) ގައި ހިމެނޭނީ ޤުރުއާން މާއްދާއިން ވެސް ފާސްވާ ދަރިވަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު