Wednesday, October 14
ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ފޮއްޓެއް އަރުވައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާކަމުގެ މަޢުލޫމާތު 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު ވަނީ މޫދަށް ވެއްޓިފައެވެ.

ނަމަވެސް، މި ހާދިސާގައި ސައިކަލުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، އެދުވަހުގެ ހަވީރު 17:47 އެހައިކަންހާއިރު ސައިކަލު ވަނީ މޫދުން ނަގައި ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު