ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންޒާރުދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި، ކަސްޓަމަރުންނަށް ފަސޭހައިން އެނގޭނޭހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.
ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެ ޤާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ، މުދަލުގައި ސީދާ އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުމާއި، މުދާ ބަހައްޓާފައިވާ ހަރުގަނޑުގައި ނުވަތަ ތަނުގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުރެ، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް ވަކިކުރަން އެނގޭނަމައެވެ.
މި މިންގަނޑުތަކާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް ހުރިހާ ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
ވިޔަފާރިތަކުން މި އުޞޫލުތަކަށް ތަބާވޭތޯ ބެލުމަށް، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމާއި އެހެނިހެން ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.






