ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން، މައުލޫމާތު ނުދީ ހިފެހެއްޓި ދައުލަތުގެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުޟޫއު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ދޭންޖެހޭ މައުލޫމާތެއް ނުދީ ހިފަހައްޓާ ހާލަތްތަކުގައި އެ އިދާރާއަކަށް ވަދެ އެ މައުލޫމާތެއް ލިބިގަތުމުގެ އިޚްތިޔާރާއި ބާރު ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ކަމަށެވެ.
"އަޅުގަނޑު ކުރީ ދައުރުގަ ދައުލަތުގެ އިދާރާއަކަށް ވަދެ އެބޭފުޅުން މައުލޫމާތެއް ނުދެއްވަން އުޅުނީމަ އަޅުގަނޑު ގޮސް، ޤާނޫނުން ދިވިފައިވާ ބާރުގެ ބޭނުންކޮށްގެން ފައިލު ހާވައިގެން މައުލޫމާތު ނަގަންވެސް ނެގިން،" ކޮމިޝަނަރު ވިދާޅުވިއެވެ.
ގާނޫނާ ޚިލާފުވި ބައެއް މުއައްސަސާތައް މީގެކުރިން ޖޫރިމަނާވެސް ކުރައްވާފައި ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް ދައުލަތުގެ އިދާރާތަކަށް 21 ދުވަހުގެ މުއްދަތެއް އޮންނައިރު، އެ މުއްދަތުގެ ބޭނުން އެކި އިދާރާތަކުން ހިފަނީ އެކި ގޮތަށް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން 21 ދުވަސް ހަމަވަންދެން މަޑުކުރާއިރު، އަނެއް ބަޔަކު އެދޭތާ އެއްދުވަހުގެ ތެރޭގައި ވެސް ޖަވާބު ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޤާނޫނުގަ ބުނަނީ އެކާވީސް ދުވަހުގެ ތެރޭގަ ޖަވާބު ދޭންވާނެ ކަމަށް އިނގޭތޯ. ދެން ހަމަ ބައެއް މީހުން އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ އެކާވީސް ދުވަސް ވަންދެން ލަސްކުރިޔަސް، އެއީ ގަސްތުގަ ލަސްކުރަނީ ކަމަކަށް ނުބެލެވޭނެ. އަނެއް ބަޔަކު މިސާލަކަށް ހަމަ އެއްދުވަހުގެ ތެރޭގައި ވެސް ޖަވާބު ދެއްވަފާނެ،" ކޮމިޝަނަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ގާނޫނުން ލިބިދޭ ލުޔެއްގެ ނުވަތަ މަފްހޫމެއްގެ ބޭނުންކޮށްގެން މުއައްސަސާތަކުން ކުރާ ކަންކަން ނުހިފެހެއްޓޭނެ ކަމަށާއި، ނަމަވެސް ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ގާނޫނު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތައް ހުރެދާނެކަން ފާހަގަކުރައްވަމުން، ކޯޓުތަކުގައި ފަނޑިޔާރުންގެ މެދުގައިވެސް ރައުޔު ތަފާތުވެ، ހުކުމްތައް ބަދަލުވާ އުސޫލު އެމަނިކުފާނު ވަނީ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ. އެހެންކަމުން، އެއްވެސް މުއައްސަސާއަކުން ގަސްތުގައި ގާނޫނާ ޚިލާފުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މުއައްސަސާތަކުގެ "އިންފޮމޭޝަން އޮފިސަރުން"ނާއި "މީޑިއާ އޮފިސަރުން"ގެ ދައުރު ބައެއް ފަރާތްތަކަށް އޮޅޭކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، ގާނޫނުގެ ދަށުން އިދާރާތަކުން ދޭންޖެހެނީ އެ އިދާރާއެއްގައި އުފައްދާފައިވާ، ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތު ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަމެއް ކުރަން ގަސްދުކުރާ ގޮތް ފަދަ، އަމިއްލައަށް އުފައްދައިގެން ޖަވާބުދޭންޖެހޭ ސުވާލުތައް ވެސް ބައެއް ފަހަރު ކުރިމަތިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.






