Saturday, October 31
އިންޑިއާއިން އުފައްދާފައިވާ 48 ބޭހެއްގައި ކޮލިޓީގެ ގިނަ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ

އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ކޮލިޓީގެ ގިނަ މައްސަލަތައް ފާހަގަކުރެވި، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯ އިން އެލާޓްކޮށްފައިވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

ސީޑީއެސްސީއޯ އިން އެލާޓް ކޮށްފައިވާ ބޭހުގެ ލިސްޓް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް، އެމްއެފްޑީއޭއިން މިއަދު ބުނީ ސީޑީއެސްސީއޯގެ މި އެލާޓާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް އެ އޮތޯރިޓީގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށް މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ.

މިގޮތަށް ބެލިބެލުމުން، މިލިސްޓްގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގް ލިސްޓް ގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއްކަމާއި، ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ. ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްއެފްޑީއޭއިން ވަނީ ދީފައެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުއްވުމަށް ފުޑް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު