Monday, November 2
ސަމާލުވޭ! ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަނީ

ބެންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފަރ ސްލިޕް އުފައްދާ ކަމަށެވެ.

ޚާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު