Monday, November 2
މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިވަޑައިގެންފި

މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާޕާސަން ލުބްނާ މުޙައްމަދު ޒާހިރު އެދިވަޑައިގެންފިއެވެ.

ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފްތިތާހު ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދިނުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށެވެ.

ލުބްނާ ވިދާޅުވީ ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ހޯމް މިނިސްޓްރީއަކީ ވަރަށް ގިނަ ދާއިރާތަކެއްގެ ބެލެނިވެރިކަން ކުރާ މިނިސްޓްރީއެއް ކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ޖެހޭ ސަބަބަކީ ރައްޔިތުންގެ އުފާވެރިކަމާއި، އަމާންކަމާއި، ރައްކާތެރިކަމާ ގުޅިލާމެހިފައިވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއާ ކަމަށްވާތީ ކަމުގައި ލުބްނާ ވިދާޅުވިއެވެ.

މި މަސައްކަތަކީ ހަމައެކަނި ކުށް މަދުކުރުމަށް ކުރާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ލުބްނާ ވިދާޅުވީ މަގުސަދަކީ ކޮންމެ ރަށަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރެވޭނީ ކައުންސިލް ކަހަލަ އިދާރާއަކާއި މިނިސްޓްރީއާ ގުޅިގެން ކަމަށް ލުބްނާ ވިދާޅުވިއެވެ.

ސަރުކާރުގައި ވަރަށް ބައިވަރު ރިސޯސްތައް ހުންނަކަން ފާހަގަކުރައްވަމުން ލުބްނާ ވިދާޅުވީ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރެވޭނީ ކައުންސިލްތަކާ މިނިސްޓްރީއާ ގުޅިގެން ތަންފީޒުކުރަން މަސައްކަތްކޮށްގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ލުބްނާ ވަނީ ތިނަދޫ ސިޓީ ކައުންސިލުން މަސްތުވާތަކެތީގެ ފަރުވާ ނަގާ މީހުންނަށް ވަޒީފާގެ ފުރުސަތު ކޮންޓެރެކްޓް އުސޫލުން ފަހިކޮށްދެއްވާތީ އެކަމަށްޓަކައި ތިނަދޫ ސިޓީ ކައުންސިލަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރަށްރަށުގައި ކުށްމަދުކުރުމަށް ހިންގާ "ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީ" އިފްތިތާހު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީން ވަނީ ގދ.އަތޮޅުގައި ހިމެނޭ 8 ރަށެއްގެ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި އެމްއޯޔޫތަކުގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. މި ކޮމެޓީތައް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާއިރު، ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.

ހޯމް މިނިސްޓްރީން ބުނީ ގދ.އަތޮޅުގައި މި މަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ގާއިމުކުރުން ކަމަށާއި މި އެއްބަސްވުންތަކާއެކު، މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު