Monday, November 2
އދ. އަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސް ޑރ.މުޢިއްޒު ރާއްޖެ ވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުގެ ވަގުތެއްގައެވެ.

ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ.

މިއީ މީގެ 59 އަހަރު ކުރިން އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި، މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލު ކުރައްވާފައެވެ.

ހަމައެއާއެކު ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށް ވެސް ރައީސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު