Monday, November 2
މަގުތަކުގައި ފުލުހުން ހަރަކާތްތެރިވުން އިތުރުކޮށް، ކޮންމެ ފަސް މިނެޓަކުން މަގުމަތިން ފުލުހަކާ ދިމާވާ ގޮތް ހަދަނީ

ސީނިއާ ފުލުހުން ހިމެނޭ ގޮތަށް، މުޅި ރާއްޖޭގައި ވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތް ފަށައިފިއެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ސީނިއާ ފުލުހުން ހިމެނޭ ގޮތަށް، މުޅި ރާއްޖޭގައި ވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމަކީ ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން ސްކޫލްތައް ކައިރީގައި ސީނިއާ ފުލުހުން ހަރަކާތްތެރިވާ ގޮތަށް ފެށި މަސައްކަތް މިހާރުވެސް ކުރިއަށް ދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ޚާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް، ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހާރުވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރަމުންދާ ކަމަށާއި އެ ފުލުހުން ތަމްރީންކޮށް ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ތަމްރީން ފުރިހަމަ ކުރުމަށް ޚިދުމަތް ފޯރުކޮށްދިނުމާއި ދުރުގައި ތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީޕީ ވިދާޅުވީ މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި ފުލުހުންގެ ހިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ޚިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފައި މިހާރު ވާނެ، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ. އެކަން ހާސިލުކުރުމަށް މިހާރު މި މަސައްކަތް ކުރަނީ.

އެގޮތުން މިހާރު ޓްރޭނިންގ ހަދަމުންގެންދާ ފުލުހުން ޓްރޭނިންގ ނިމުމުން، މި މަގުސަދު ހާސިލު ކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ޚިދުމަތް ދޭން ފަށާނެ ކަމަށާއި މިކަން ދުވާލުގެ ބޮޑުބައެއްގައި ހާސިލު ވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލެއަށް ބެލިކަމުގައި ވިޔަސް 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

މި މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެއާއި ހުޅުމާލޭގައި ގާއިމު ކުރެވިފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ސީނިއާ ފުލުހަކު މި ސެންޓަރުގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށެވެ. މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުންދާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު