Monday, November 2
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ފުރާވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ 8 ދުވަހުގެ މި ދަތުރުފުޅުގައި ވަނީ ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. އަދި އެމަނިމުފާނު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާ ވެސް ބައްދަލު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ "ޑީންސް ލީޑަރޝިޕް ސީރީޒް"ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަގުރީރު ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ނިއުޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޢިއްޒު، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ. މިއީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު