Monday, November 2
ރައީސް ޑރ.މުޢިއްޒު އޮސްޓްރޭލިއާ އަދި ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އަދި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ވިވިއަން ބަލަކްރިޝްނަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ދެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.

ރައީސް ޑރ. މުޢިއްޒު، އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ތަފާތު ދާއިރާތަކާއި، އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އޮސްޓްރޭލިއާ ސަރުކާރުން ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

ރައީސް ޑރ. މުޢިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އިންވެސްޓްމަންޓްތައް ހޯއްދެވުމާއި، ޑިޖިޓަލް ޚިދުމަތްތައް އިތުރުކުރެއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް އަމާޒުހިފާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސްމާލެއަކީ ތިމާވެށްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު