Monday, November 2
ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

ފަލަސްޠީނަކީ މިނިވަން ދައުތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ދެއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މި ޔަގީންކަން ދެއްވީ، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.

ެއެގޮތުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށާއި އެ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދެ ގައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު