Monday, November 2
ރައީސް ޑރ.މުޢިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ބައްދަލުކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޔޫރަޕިއަން ޔޫނިއަންއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައިފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހުށަހަޅުއްވައި، ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

އޭގެތެރޭގައި ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން، ރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ސިޔާސަތުތަކަށް ތައުރީފުކުރައްވައި އެކަމަނާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި ޔޫރަޕިއަން ކޮމިޝަންގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ކުރިޔަށް އޮތް ތަނުގައި ގުޅިގެން އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު