ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެމްޓީސީސީން ބުނީ، ސައިޓުގައި މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމާއި ތޮށިލުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމަށެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 12 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢު ނިންމަން ހަމަޖެހިފައިވަނީ 530 ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން 28,760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 172 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން 38 މީޓަރުގެ ބޭރުތޮށްޓަކާއި، 287 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި 772 އަކަމީޓަރުގެ ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އަދި ނެރުބައްތި ވެސް ހަރުކުރާނެއެވެ.
އަދި ބަނދަރަށް ވަދެނިކުތުމަށް އާ ނެރެއް ކޮނުމާއި ކުރީގެ ނެރު ބަންދުކުރުމާއި، މިހާރު ބޭނުންކުރަމުންދާ އެއްގަމު ތޮށީގެ މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫޢަކީ، ގުޅީގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމާއި އާބާދީ އިތުރުވަމުން އައުމާ ގުޅިގެން، އެރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. އެމްޓީސީސީން ދާދިފަހުން ނިންމި މަޝްރޫޢެއްގެ ދަށުން ގުޅިން 10.15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.






