ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.
ހިސާން އެ މަގާމުން ވަކިކުރިކަން އެންޑީއެމްއޭގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފައެވެ. ހިސާން ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވާއިރު، އެކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.
ހިސާނަކީ 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ފުރަތަމަ އުފެއްދިއިރު، ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުން އެ ސެންޓަރުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
2011 ވަނަ އަހަރު ސިފައިންގެއިން ވަކިވެވަޑައިގެން އެ ސެންޓަރުގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންޑީއެމްއޭ އުފެއްދިއިރު އޭނާ ހުންނެވީ އެ އިދާރާގެ ސީއީއޯގެ މަގާމުގައެވެ.
އެންޑީއެމްއޭއަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.






