Tuesday, October 13
މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގުތަކަށް ބަދަލުގެނެސް، ތިން ރޭޓެއްގައި ގަންނަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދު ބަދަލު ގެނެސް، ތިން ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ.

މި ބަދަލާއެކު، ކިރުވާ މަހުގެ މިންވަރަށް ބަލައި އަގުތައް ވަނީ ތަފާތުކޮށްފައެވެ. އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް ގަންނަނީ 21 ރުފިޔާއަށެވެ. 5 ޓަނާއި 8 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވާނަމަ ކިލޯއެއް ގަންނަނީ 22 ރުފިޔާއަށެވެ. 8 ޓަނަށްވުރެ އިތުރަށް މަސް ކިރުވާނަމަ ކިލޯއަކަށް 22.75 ރުފިޔާ ލިބޭނެއެވެ.

މި އައު ރޭޓުތަކުގައި މިއަދު މިފްކޯގެ އެކި ސެންޓަރުތަކާއި ބޯޓުފަހަރުން ދަނީ މަސް ގަންނަމުންނެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ ބަނދަރު، ޅ. ފެލިވަރު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރު ހިމެނެއެވެ.

މިފްކޯއިން ބުނީ، މިއީ ބައިނަލްއަޤްވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން މިފްކޯގެ މެނޭޖްމަންޓުން ވަނީ ދީފައެވެ.

މަސްވެރިން ކިރާ މަހުގެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މިހާރު 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ދޫކުރެވެމުން ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު