Tuesday, October 13
ނޮވެމްބަރު 28 ގައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓާސް ލިސްޓުތައް އާންމުކޮށްފި

އަންނަ މަހުގެ 28 ގައި ބާއްވާ ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

މި ބައި-އިލެކްޝަންތަކުގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން ބާއްވާ އެ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަނެވެ. މީގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އ.ތ.މ އަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަން ވެސް ހިމެނެއެވެ.

އާންމުކުރި ލިސްޓުތަކުގައިވާ ގޮތުން، ސ. ހުޅުދޫން 2,903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، ހއ. ވަށަފަރުން 688 މީހަކަށާއި ނ. ކުޑަފަރިން 653 މީހަކަށް ވޯޓުލެވޭނެއެވެ. ވ. ތިނަދޫން ވޯޓުލުމުގެ ހައްގު ލިބެނީ 185 މީހަކަށެވެ.

އީސީން ބުނީ، ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ ޕާޓީތަކަށް ދީފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ.

ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މައުލޫމާތެއް ބަދަލުކުރުމަށް ހުށަހަޅާއިރު، އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް އީސީން ބުންޏެވެ.

ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވޭތޯ ބެލުމަށް، VR ޖަހާފައި ހުސްތަންކޮޅެއް ދޫކޮށް އައިޑީކާޑު ނަންބަރު ޖަހައިގެން 1414 އަށް އެސްއެމްއެސް ކުރެވޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓުން ވެސް ލިސްޓުތައް ބެލޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު