Tuesday, October 13
އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގެ ދަށުން 29 ޑްރައިވަރުން ތަމްރީނުކުރަން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގެ ދަށުން، 29 ބައިވެރިންނާއެކު ޑްރައިވަރުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ކާރު ދުއްވުމުގެ ދާއިރާއިން 18 ބައިވެރިންނާއި، ބަސް ދުއްވުމުގެ ދާއިރާއިން 11 ބައިވެރިންނެވެ. މިއީ އެ ކުންފުނިން ދެމުންގެންދާ ދަތުރުފަތުރުގެ އެކި ޚިދުމަތްތަކަށް ބޭނުންވާ ފަންނީ، ހުނަރުވެރި އަދި ޤާބިލު ދިވެހި ޒުވާނުން ބިނާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ބައިވެރިންނަށް އެއްގަމު ދަތުރުފަތުރާ ގުޅޭ ޤަވާޢިދުތަކާއި އުސޫލުތައް ފުރިހަމައަށް އޮޅުންފިލުވައިދިނުމާއި، އުޅަނދު ދުއްވުމުގެ އަސާސީ ހުނަރުތައް އުނގަންނައިދިނުމެވެ. މީގެ އިތުރުން، އެކްސިޑެންޓްތަކުން ރައްކާތެރިވެ ތިބެ ދުއްވާނެ ގޮތްތައް ނުވަތަ ޑިފެންސިވް ޑްރައިވިންގގެ އުކުޅުތަކާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ޒިންމާދާރުކަމާއެކު ދުއްވުމުގެ ތަމްރީނުތައް މި ޕްރޮގްރާމުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތަށް އިސްކަންދޭ، ޒިންމާދާރު ޑްރައިވަރުންތަކެއް އުފައްދައި، ރާއްޖޭގެ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމެވެ. އަދި މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދުމަތްތަކަކީ ރައްކާތެރި އަދި އިތުބާރު ހުރި ޚިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު