އަންނަ އަހަރުން ފެށިގެން ޙައްޖަށް ދާ ދިވެހިންގެ މެޑިކަލް ޗެކަޕް ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ޙައްޖަށް ދިއުމުގެ ކުރިން ކޮންމެ މީހަކުވެސް އެ މީހެއްގެ ޞިއްޙީ ހާލަތު ދެނެގަނެ، ދުރާލާ އެކަމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހުރިހާ ޙައްޖުވެރިންވެސް މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމް ކަމަކަށްވާއިރު، އެ އިންތިޒާމުތައް ހިލޭ ފޯރުކޮށްދިނުމަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި، ސިއްޙީ ވުޒާރާއާއި، އާސަންދަ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މި އިންތިޒާމުތައް ބައްޓަންކުރެވޭނީ މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ޙައްޖަށް ދާ ފަރާތްތަކުގެ ޞިއްޙީ ހާލަތު ދުރާލާ އެނގިފައި އޮތުމަކީ އިދާރީ ތައްޔާރީތަކަށާއި، ދިމާވެދާނެ ކުއްލި ޞިއްޙީ ހާލަތްތަކަށް ތައްޔާރުވުމަށް ލިބޭ ބޮޑު ލުޔެއް ކަމަށްވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.
"އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހިވަޑައިނުގެން އެހެންނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން މެޑިކަލް ޗެކަޕްގެ ފުރުސަތު ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންނަށް، އެ މީހަކު ދިރިއުޅޭ ރަށާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ކުރިން މި ޚިދުމަތް ހިލޭ ލިބެން ހުރީ ހަމައެކަނި މާލެ ސިޓީގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އަންނަ ނޮވެންބަރު މަހުގެ ޢުމްރާ ދަތުރުން ފެށިގެން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުންވެސް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.






