އާޓިފިޝަލް އިންޓެލިޖެންސް އާއެކު ސިރީއަށް އިތުރު ބަދަލުތައް ގެނެސް އެޕަލްގެ އާއިފޯން 16ލޯންޗް ކޮށްފިއެވެ.
އައިފޯންގެ އަންނަން އޮތް ޖީލު ފަރުމާކޮށްފައި ވަނީ އެޕަލް އިންޓެލިޖެންސް އާއި އެކުކަމަށާ މިއީ އާ ޒަމާނެއްގެ ފެށުން ކަމަށް ޕްރޮޑަކްޓް ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ޗީފް އެގްޒެކެޓިވް ޓިމް ކުކް ވިދާޅުވިއެވެ.
އެޕަލްގެ އައިފޯން 16 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، އެޕަލް 16 ޕްރޯ މެކްސްގައި 6.9 އިންޗީގެ ޑިސްޕްލޭއެއް ހުރެއެވެ. މިއީ ކުރީގެ މޮޑެލްތަކަށް ވުރެ ބޮޑު ޑިސްޕްލޭއެއް ކަމަށާއި، މިދިޔަ އަހަރު ރިލީޒް ކުރި ފޯނުގައި ހުރީ 6.1 އިންޗި އާއި 6.7 އިންޗީގެ ޑިސްޕްލޭއެއް ކަމަށް ޕްރޮޑަކްޓް ލޯންޗް ކުރުމަށް ބޭއްވި އެޕަލް އިވެންޓްގައި އެޕަލް އިން ހާމަކުރިއެވެ.
އައިފޯން 16 ޕްރޯ ލިބެން ހުންނާނެ ކުލަތަކަކީ ހުދު، ކަޅު، ނެޗުރަލް އަދި "ޑެޒަރޓް" ކުލައެވެ.
އާ އައިފޯން ޕްރޯ މޮޑެލްތަކުގެ ތެރޭގައި ސެކަންޑް ޖެނެރޭޝަން 3-ނެނޯމީޓަރު ޓްރާންސިސްޓަރ ހިމެނޭ އޭ 18 ޕްރޯ ޗިޕާއި އެޕަލް އިންޓެލިޖެންސަށް ބާރުދޭ އާ 16 ކޯރުގެ ނިއުރަލް އިންޖީނެއް ހިމެނެއެވެ.
އެޕަލް އިން ބުނާ ގޮތުގައި އޭ 18 ޕްރޯ ޗިޕުން އާ ކެމެރާ ފީޗާތަކަށް ބާރުދޭ އިރު، އޭގެ ތެރޭގައި 48 މެގަޕިކްސެލްގެ އާ "ފިއުޝަން ކެމެރާ" އެއް ހިމެނޭނެއެވެ. ޑޭޓާތައް 2 ގުނަ ހަލުވިކަމާއެކު ރީޑްކުރާނެކަމާށާއި 48 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއް ހިމެނޭނެ ކަންވެސް އެޕަލް އިން ބުން އެވެ. 5x ޓެލެފޮޓޯ ކެމެރާއިން ޒޫމް ފޮޓޯތަކަށް އާ ޗިޕުން އިތުރު ތަފްސީލުތަކެއް ލިބިގެންދާނެ ވާހަކަވެސް މި އިވެންޓްގައި ހާމަކުރި އެވެ.
މީގެ އިތުރުން އެޕަލް އިން ވަނީ އައިފޯން ކެމެރާގެ "މިހާތަނަށް އެންމެ މަތީ ރިޒޮލިއުޝަން އަދި ފްރޭމް ރޭޓް" ކަމަށްވާ 120 ފްރޭމް ޕަރ ސެކަންޑް 4 ކޭގައި ވީޑިއޯ ކެޕްޗާ ކުރެވޭނެ ފީޗާ އައިފޯން 16 އާއެކު ތައާރަފްކޮށްފަ އެވެ.
އާ އައިފޯނުތަކުގެ ޕްރީއޯޑަރުތައް މި ހަފްތާގެ ހުކުރު ދުވަހު ފަށާއިރު ފޯނު އޮފިޝަލްކޮށް ލޯންޗްކުރާނީ ސެޕްޓެމްބަރު 20 ގައެވެ.
މި ލިޔުން ކިޔާލުމުން