ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ.
ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވަނީ، އެ މަގާމުގައި ހުރި ޝުޖާޢު ޢަލީ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމުންނެވެ.
ޝުޖާޢު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ހޮވުނީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައެވެ. ނަމަވެސް، އެ ޕާޓީ އުވާލުމާ ގުޅިގެން، އޭނާ މެއި 19 ގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.
ނަމަވެސް، ޝުޖާޢުގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ނ. ކުޑަފަރި، ވ. ތިނަދޫ އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ އިންތިޚާބު ވެސް ނޮވެމްބަރު 28 ގައި ބާއްވާނެ ކަމަށް އީސީން ބުނެފައިވެއެވެ.






