ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވެގެން ކަމަށް، އެ މައްސަލަ ތަހުގީގުކުރާ މާހިރުންގެ ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރަކާއި އޭނާގެ ދަރިފުޅުގެ އިތުރުން ރިސާޗަރަކާއި، އެހެން މީހަކާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. މީގެއިތުރުން، އެ މީހުން ނެގުމަށް ހިންގި ރިކަވަރީ އޮޕަރޭޝަނުގައި ދިވެހި ސިފައިންގެ ޑައިވަރެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
އިޓަލީގެ ޕްރޮސެކިއުޓަރުންގެ އެދުމަށް ހެދި ޕޯސްޓްމޯޓަމް އަދި ޓޮކްސިކޮލޮޖިކަލް ރިޕޯޓުތަކާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން، އެ މީހުން މަރުވާން މެދުވެރިވީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިގެންނެވެ. އަދި އެ މީހުންގެ އަތުން އެއްވެސް ވިހައެއްގެ އަސަރު ނުވަތަ މިޔަރެއްގެ ހަމަލާއެއް ފަދަ ބޮޑު އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ތަހުގީގުކުރާ ފަރާތްތަކުން ލަފާކުރަނީ އޮކްސިޖަން ހުސްވިއިރުވެސް މައްޗަށް ނޭރެވުނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި މަގު އޮޅުމުގެ ސަބަބުން ކަމަށެވެ. ފިންލޭންޑުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މެއި 20 ގައި އެ މީހުންގެ ހަށިތައް ނަގާފައިވާއިރު، މި އޮޕަރޭޝަނުގައި ބައިވެރިވި ދިވެހި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.






