އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ސަބަބުން ލިބޭ ފައިދާގައި ބައިވެރިވުމުގެ ފުރިހަމަ ފުރުޞަތު ދިވެހި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އޮންނާނެކަމުގެ ޔަޤީންކަން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރު ދެއްވައިފިއެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނާއެކު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި އަލާއްބާރު ވިދާޅުވީ، އެ ކުންފުނިން ރާއްޖެއަށް އައީ ހަމައެކަނި ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި ހުރިހާ ފައިދާއެއް ނަގައިގެން ދިއުމަށް ނޫން ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫޢުން ފައިދާ ހޯދުމުގެ ދޮރުތައް ހުޅުވިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ސިޔާސަތަކީ އެ ޤައުމެއްގެ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން އަދި އާކިޓެކްޓުންނަށް އިސްކަންދިނުން ކަމަށްވާތީ، ރަސްމާލެ މަޝްރޫޢުގެ ތެރެއިން ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ސަރުކާރުގެ ހިއްސާ ފުރިހަމައަށް އަދާކޮށް، ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކަމަށް އަލާއްބާރު ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުންނަށް އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގަވާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ ސިޓީގައި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮޓާތަކާއި، ރެޒިޑެންސްތަކާއި، މެރީނާއާއި ވިޔަފާރި މަރުކަޒުތައް ހިމެނޭއިރު، މި މަޝްރޫޢުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.






