ހުޅުމާލޭ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން، ގަވާއިދުން ދުއްވާފައިދިޔަ ސައިކަލުގައި ތިބި އެއް އާއިލާއެއްގެ ދެބެންގެދެދަރި ދެ ޒުވާނުންގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
އާއިލާއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެ ދެ ޒުވާނުން ބޭރަށް ނުކުތީ އެކަކު ގެއަށް ލައިދިނުމަށެވެ. އެމީހުން ދުއްވާފައިދަނިކޮށް އެކްސިޑެންޓުވީ، ވަންވޭއާ ދެކޮޅަށް ގަވާއިދާ ޚިލާފަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެކަކުގެ ސިކުނޑިއަށް ލޭ އެޅިގެން އެމަޖެންސީ ސާޖަރީއެއް ކުރިއަށްދާއިރު، އަނެއް ޒުވާނާގެ މޫނަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެކްސިޑެންޓުވި ވަގަށް ނަގާފައިވާ ސައިކަލުގައި ތިން މީހުން އަރުވައިގެން ދުއްވަން އިން މީހާއަކީ ލައިސަންސް ނެތް، އަދި ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ލައްކައެއްހާ ރުފިޔާ އަރާފައިވާ މީހެކެވެ. މީގެއިތުރުން އޭނާއަކީ ވައްކަމާއި ސްކޭމް މައްސަލަތަކުގެ ބޮޑު ކުށުގެ ރެކޯޑެއް އޮތް މީހެއްކަމަށާއި، އެކްސިޑެންޓުގެ ކުރިންވެސް ބްރިޖާއި ހުޅުމާލޭގެ މަގުތަކުގައި ވަންވޭތަކާ އިދިކޮޅަށް ނުރައްކާތެރިކޮށް ދުއްވާފައިވާކަން ވަނީ އެނގިފައެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ފަސް މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި ފުލުހުން މިއީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ތަހުގީގުކުރާތީ އަނިޔާވި މީހުންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.






