ރާއްޖެއަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ، ޕްރައިވެޓް ޖެޓް ޗާޓަރުކުރާ މާކެޓްޕްލޭސްއެއް ކަމަށްވާ "ޖެޓްއޯލްޓޯ" އިން ދުބާއީ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ފެށި މިއޮޕަރޭޝަނުގެ މަގުސަދަކީ، ތެޔޮ އެޅުމަށް މަޑުކުރުމެއްނެތި، 4 ގަޑިއިރަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ފަތުރުވެރިންނަށް މާލެއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލަށް ކުރާ މި ދަތުރުތަކަށް ހަތަރު ގިންތިއެއްގެ ޖެޓު ބޭނުންކުރެއެވެ. މީގެ ތެރޭގައި 32،000 ޑޮލަރާއި 115،000 ޑޮލަރާ ދެމެދުގެ އަގުތަކުގައި 9 މީހުންގެ މިޑްސައިޒް ޖެޓުންނާއި، ސުޕަ-މިޑްސައިޒް، ހެވީ ޖެޓު އަދި 16 މީހުންގެ އަލްޓްރާ-ލޯންގް-ރޭންޖް ބޯޓުތައް ހިމެނެއެވެ.
ޖެޓްއޯލްޓޯއިން ވަނީ ރާއްޖޭގައި ސީޕްލޭން ދަތުރުތައް ކުރަނީ ހަމައެކަނި ދުވާލު ގަޑީގައި ކަމަށްވާތީ، މާލެ އަންނަ ގަޑިތައް އެއާ އެއްގޮތަށް ރޭވުމަށާއި، އާ އަހަރާއި ކްރިސްމަސް ފަދަ ދުވަސްވަރު އެއާޕޯޓުގައި ޖެޓު ޕާކުކުރާނެ ޖާގަ ލިބުން ދަތިވާނެތީ ދުރާލައި ބުކިން ހެދުމަށް އިރުޝާދުދީފައެވެ.
ޔޫރަޕާއި އުތުރު އެމެރިކާ އަދި މެދުއިރުމަތީގެ މުއްސަނދި ފަތުރުވެރިން ރާއްޖެއަށް އައުމަށް ދުބާއީއަކީ މުހިންމު ޓްރާންސިޓް ހަބަކަށް ވެފައިވާއިރު، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފެބްރުއަރީ 28 އިން މާޗު 14 އަށް އެކަނިވެސް 128 ޖެޓު ރާއްޖެއަށް އައިސްފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 166 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.






