ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ޖުމްލަ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި އެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ އަދަދު ވަނީ 30.879 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ 5.8 އިންސައްތަ އިތުރުވެ، 23.835 ބިލިއަން ރުފިޔާއަށް އެރުމެވެ.
މި މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.2 އިންސައްތަ އިތުވެފަ އެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކުހާއި، އިމްޕޯޓް ޑިއުޓީ އަދި ޖީއެސްޓީން ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެ އެވެ.






