މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށްލާފައިވާ، އައްޑޫ ސިޓީގެ މަޝްހޫރު މީހެއް ކަމަށްވާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކުރި ނިންމުން ބަދަލުކޮށް، އަލުން ޖަލަށް ގެންދިއުމަށް ހައްޔަރުކޮށްފިއެވެ.
ހޯމް މިނިސްޓަރ އަލީ އިހުސާން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަބުޗާގެ މައްޗަށް މިދިޔަ އަހަރުގެ މެއި މަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމުމުގައި ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ރަނގަޅަށް ބަލާފައި ނުވާކަން ފާހަގަކުރެވުމާ ގުޅިގެން، އެ ނިންމުން އަލުން ރީކޮންސިޑާކުރުމަށް ޕެރޯލް ބޯޑަށް އެންގި ކަމަށާއި، އެއާއެކު މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަބުޗާއަށް ޕެރޯލް ދިނުމުގައި ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށާއި، މިފަދަ ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ލުއި ދިނުމުގައި ސަރުކާރުގެ ސިޔާސަތުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ، ޕެރޯލް ބޯޑުގެ އެ ނިންމުމުގައި ބައިވެރިވި 6 މެންބަރަކު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.






