Tuesday, October 6
މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ފިންގަ ޖެޓީތަކެއް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ފަށައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، 18.98 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު އަދި ހަ މީޓަރު ފުޅާ ތިން ޖެޓީއާއި، 15 މީޓަރު ދިގު އަދި ހަ މީޓަރު ފުޅާ ތިން ޖެޓީއާއެކު ޖުމްލަ ހަ ފިންގަ ޖެޓީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ނިމުމާއެކު، ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ އުޅަނދުފަހަރަށް އެރުމަށް އެހެން އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދިއުމަށް ނިމުމެއް އަންނާނެއެވެ. އަދި މިއީ ކުޑަކުދިންނާއި، އިސްރަށްވެހިން އަދި ދަތުރުވެރިންނަށް ވަރަށް ބޮޑު ލުޔަކަށްވެ، އުޅަނދުފަހަރަށް އަރައި ފޭބުމުގައި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމީ ފާލަމާ ކައިރިން ރަށްރަށުން އަންނަ ލޯންޗުތައް ކައިރިކުރާ ސަރަހައްދަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖެޓީތައް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ކުރިއަށްދާ މި މަސައްކަތް، އެ މަގުގެ ބާކީބައިގެ މަސައްކަތްތަކާއެކު އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު