Tuesday, October 6
ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާ ސަރުކާރުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްވެރިންނާ ސަރުކާރުގެ ކަމާބެހޭ އިސް ވަޒީރުން ބައްދަލުކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީނާއި، ބަންޑާރަނައިބު އަހުމަދު އުޝާމާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސިނާއަތުގެ އިސް ބޭފުޅުންގެ ތެރެއިން ސަން ސިޔާމް ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ހުސައިން އަފީފް (ޗަމްޕާ އަފީފް) މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. އަދި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަރާތްތަކުގެ ލަފާ ހޯދައި، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.

މި މަޝްވަރާތަކާ ގުޅިގެން، ޓީޖީއެސްޓީ ނެގުމާ ގުޅޭގޮތުން ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ސިނާއަތުގެ ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ ފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން އެ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއީ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕްރޭޓަރުން މެދުވެރިކޮށް ދައުލަތުގެ އާމްދަނީއަށް ބޮޑު އާމްދަނީއެއް ވަންނާނެ ކަމަށް ބެލެވިގެން ފާސްކުރެވުނު އިސްލާހެއް ނަމަވެސް، އަމަލުކުރަންޖެހޭ ގޮތުން ސިނާއަތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ސަރުކާރުން އަންނަނީ އެކަމަށް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު