ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އައިޖީއެމްއެޗް ހިމެނޭ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ތާޖުއްދީން ހިންގުމުން ފެށިގެން ތިން ރުއް ޕާކާ ހަމައަށް މަގު ބަންދުކޮށް، މިހާރުދަނީ ގާތަށް ނެގުމުގެ މަސައްކަތްކުރަމުންނެވެ. އަދި ދުވާރު ތަރައްގީކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފެށޭނެ ކަމަށާއި، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތާއެކު އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ސަރަހައްދުގެ މަސައްކަތް މުޅިން ނިންމުމަށް ވަނީ ރާވާފައެވެ.
މާލެ ވަށައިގެން އޮންނަ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް 144.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން، މިހާތަނަށް ދެ ފިޔަވައްސެއްގެ މަސައްކަތް ނިންމައި އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި މަސްމާރުކޭޓު ސަރަހައްދާއި ޖުމްހޫރީ މައިދާނުގެ ބައެއްގެ އިތުރުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް މަގު ފުޅާކޮށް ތާރުއަޅައި ތަރައްގީކޮށްފައިވެއެވެ.






