އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެގްރޯނެޓްގެ އެމްޑީ ކަމަށް ސިނާން އައްޔަންކޮށްފައިވަނީ އިއްޔެ ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގައެވެ. މި ބަދަލާ އެކު، އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވަނީ ހަމަޖައްސާފައެވެ. ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ މަގުސަދުގައި އުފައްދާފައިވާ މި ކުންފުންޏާ ސިނާން ހަވާލުވެވަޑައިގެންފައިވާއިރު، މީގެ ކުރިން އޭނާއަކީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރެއްވި ބޭފުޅެކެވެ.
ސިނާން މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވަނިކޮށް، ސާބިތު ދަރަންޏެއް ނުދައްކާ ކަމަށް ނިންމައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް، އޭގެ ފަހުން ޕީއެންސީން ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަން ސިނާން ކާމިޔާބުކުރެއްވި ނަމަވެސް، ފަހުން ވަނީ އެ ފުރުސަތު ދޫކޮށްލައްވާފައެވެ.






